އޮންލައިން ހިދުމަތްތައް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދިނުމުގެ ސްކީމާއި ބެހޭ

7 ޖެނުއަރީ 2019އިޢުލާން
ނަންބަރު(IUL)311/311/2019/1
ތާރީޚް07 ޖަނަވަރީ 2019
ތާރީޚް ހ01 ޖުމާދުލްޢޫލާ 1440

އާސަންދަ މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދޭ ސްކީމް 01 ޖަނަވަރީ 2019 ން ފެށިގެން ތަޢާރަފް ކުރުމަށްވަނީ ހަމަޖެހިފައިކަމަށާއި، މިހާރު އާސަންދަ ސްކީމް މެދުވެރިކޮށް ލިބެންހުންނަ ތެރަޕިއުޓިކް ޚިދުމަތްތައް އަލަށް ތަޢާރަފްކުރެވޭ ސްކީމް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވޭނޭ ކަމަށާއި، މި ސްކީމްގެ ދަށުން އެހީ ފޯރުކޮށްދެވޭނީ ޤާނޫނު ނަމްބަރ 2010/8 ( ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު ) ގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނޭޝަނަލް ސޯސަލް ޕްރޮޓެކުޝަން އެޖެންސީގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފަރުވާއަށް ތެރަޕިއުޓިކް ޚިދުމަތް ބޭނުންވާ ފަރާތްތަކުން ތެރަޕިއުޓިކް ފަރުވާ ބޭނުންވާކަމަށް ކަމާއި ގުޅޭ ޑޮކުޓަރެއް ދެއްވާފައިވާ ލިޔުމާއި، އެދަފަ ތެރަޕިއުޓިކް ޚިދުމަތް ފޯރުކޮށްދޭ މަރުކަޒެއްގެ ކޯޓޭޝަންގެ އިތުރުން އެހީއަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ނޭޝަނަލް ސޯސަލް ޕްރޮޓެކުޝަން އެޖެންސީއަށް ހުށަހެޅުއްވުމުން އެހީ ހަމަޖެހިގެންދާނޭކަމުގައި އެއެޖެންސީން ވަނީ އަންގަވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕއުޓިކް ޚިދުމަތްތަކަށް އެދޭ ފޯމް ނޭޝަނަލް ސޯސަލް ޕްރޮޓެކުޝަން އެޖެންސީގެ ކައުންޓަރުންނާއި، އަދި އެއެޖެންސީގެ (http://www.nspa.gov.mv/dh/ehee-ah-edhey-form) ވެބްސައިޓުން އަދި އާސަންދަ ކޮމްޕެނީ ލިމިޓެޑުގެ ކައުންޓަރުންނާއި، ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ސޯސަލް ޕްރޮޓެކުޝަން އެޖެންސީގެ ކައުންޓަރުންނާއި، އާސަންދަ ކޮންޕެނީގެ ކައުންޓަރުން އަދި ކައުންސިލް އިދާރާތަކުންނެވެ. މީގެ އިތުރުން ނޭޝަނަލް ސޯސަލް ޕްރޮޓެކުޝަން އެޖެންސީގެ އީމެއިލް (info@nspa.gov.mv) މެދުވެރިކޮށް ހުށަހަޅުއްވާ ފޯމްތައްވެސް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އަދި މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ރަސްމީ ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށް 1402 ނަމްބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.