މާޅޮސްމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ދެކުނުން ދެވަނައަށް އޮންނަ އަތޮޅުގެ އެންމެ ބިން ބޮޑު ރަށް ކަމުގައިވާ ފައިނަކީ ހިތްގައިމު މާހައުލެއްގެ އިތުރުން ފެންމީރުކަމަށް ޒަމާނުއްސުރެ މަޝްހޫރުވެފައިވާ ރަށެކެވެ.
ބޮޑުމިނުގައި 50.1 ހެކްޓަރ ހުންނަ މިރަށާއި މާލެއާއިދެމެދު 153.38 ކިލޯމީޓަރ ވާއިރު އަތޮޅުގެ ވެރިކަންކުރާރަށް އުނގޫފާރާއި ދެމެދުގައިވަނީ 22.81 ކިލޯ މީޓަރެވެ. މިރަށުގެ ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ސާބިތުވެތިބި، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ބޯލަނބާ ކިޔަމަންތެރި ރައްޔިތެކެވެ. މިރަށުގައި އާބާދީ އިތުރުވާ ނިސްބަތަކީ އަހަރަކު ގާތްގަނޑަކަށް 5، 6 ކުދިންކަމުގައިވާއިރު މިރަށުގެ މިހާރުގެ އާބާދީއަކީ 490 އެވެ. އާބާދީގެ 99 އިންސައްތަ ލިޔަންކިޔަން ދަންނައިރު، މިއަހަރު ސްކޫލްގައި 100 ކުދިން ތަޢުލީމް ޙާޞިލްކުރަމުންދެއެވެ. މިރަށު ސްކޫލް ސަރުކާރު ސްކޫލަކަށް ބަދަލުވެފައިވަނީ 01 އޮގަސްޓް 2005 ގައެވެ. 2010 ވަނައަހަރު ގުރޭޑް 10 އަށް ކިޔަވައިދޭންފެށި މިސްކޫލްގައި ހަމަ އެއަހަރު ފުރަތަމަފަހަރަށް ޖީ، ސީ، އީ، އޯލެވެލް އިމްތިހާނުގައި ކުދީންބައިވެރިކުރިއެވެ.
ރަށަށްލިބޭ އާމްދަނީގެ %67 ޙިއްޞާކުރަނީ ސަރުކާރުގެ މުވައްޒަފުންގެ މުސާރައިންނެވެ. ބާކީ %33 ހިއްސާކުރަނީ ދަނޑުވެރިކަމާއި، މަސްވެރިކަން، ވަޑާންކުރުމާއި އަދި ރިޒޯޓްވަޒީފާ އަދާކޮށްގެން ލިބޭ އާމްދަނީ ހިމެނެވެ.
