ފައިނުގައި ސަރުކާރުން ހައްދަވައިދެއްވި ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތަށް ތައްޔާރުވުމުގެ ގޮތުން ރަށުގެ އަންހެން ކަނބަލުންނާއި ކައުންސިލުން މިއަދު ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލުވުން އޮތީ މިއަދު ހެނދުނު 10:00 ގައި ފައިނު ކައުންސިލް އިދާރާ ކުރިމަތީއެވެ. ގިނަ ޢަދަދެއްގެ އަންހެން ކަނބަލުން ބައިވެރިވެލެއްވި މިބައްދަލުވުމުގައި ރަސްމިއްޔާތުގެ ކަންކަން އިންތިޒާމް ކުރުމަށް އެކުލަވާލެވިފައިވާ ޓާސްކްފޯސްގެ ބައެއް މެންބަރުން ބައިވެރިވެލެއްވިއެވެ. މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތަށް ރަށުތެރެ ޒީނަތްތެރި ކުރުމާއި ފަރީއްކޮޅު ތައްޔާރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ގުރޫޕްތަކަކަށް އަންހެން ކަނބަލުން ބަހާލުމާއި ގުޅޭގޮތުންނެވެ.
